Tuesday, October 19, 2021

އަމިއްލަ ނަފްސުދެކެ ލޯބިވުން.

[އަމިއްލަ ނަފްސުދެކެ ލޯބިވުން] މިއީ އަޅުގަނޑުމެންނަށް އަޑުއިވޭ، ރަހުމަތްތެރި ބަސްކޮޅެކެވެ. ތިމާ އަމިއްލަ ނަފްސުދެކެ ލޯބިވާންވާނެކަމާ، އަމިއްލަ ނަފްސަށް ލޯބި ނުކުރާ މީހުން އެހެން މީހުންދެކެ ލޯބިވެދާނެ ކަމާމެދު ސުވާލު އުފެދޭކަމާއި، މިފަދަ އެތައް ވާހަކަތަކަކީ، ވަރަށް ގިނައިން އެކި ގޮތްގޮތަށް އެކިމާނައިގައި އަޅުގަނޑުމެންނަށް އިވެމުންދާ ވާހަކަތަކެކެވެ. ބައެއް ފަހަރު މިފަދަ ވާހަކަތަކުން އިބްރަތް ހާޞިލްކޮށް ކުރިޔަށް ދިއުމަށް މަސައްކަތްކުރާ މީހުން، އެމީހުން ދަތުރުކުރަމުންދާ މަންޒިލަށް ވާސިލުވުމަށް ހިއްވަރު ލިބިގަނެއެވެ.

ކޮންމެއަކަސް އަމިއްލަ ނަފްސުދެކެ ލޯބިވުމަކީ، ސިފައެކެވެ. މީހެއްގެ ކިބައިގައި އެސިފަ އެންމެ އެދެވޭ ގޮތުގައި ނެތްނަމަ، އެސިފައަކީ ދަސްކުރަންޖެހޭ އަދި އިތުރަށް ތަރައްޤީކުރަންޖެހޭނެ ކަމެކެވެ.
އަމިއްލަ ނަފްސުދެކެ ލޯބިވާންވީ ކީއްވެބާއެވެ؟ އަމިއްލަ ނަފްސްދެކެ ލޯބިވާންވީ ހަމަޖެހިލައިގެން ދިރިއުޅުމަށްޓަކައެވެ. ހަމައެހެންމެ ތިމާއާއި ތިމާއާއި އެއްކޮށްއުޅޭ މީހުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށްޓަކައެވެ. ތިމާކުރާ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކަމަށްކަމޭހިތައިގެން ކުރުމަށްޓަކައެވެ. ހަމައެއާއެކު ދިރިއުޅުމުގައި ތިމާއާ ކުރިމަތިވާ އެންމެހާ ގޮންޖެހުންތަކާއި ކުރިމަތިލާ ގޮތް ތަފާތު ކުރުމަށްޓަކައެވެ.
މިހާހިސާބުން އަމިއްލަ ނަފްސުދެކެ ލޯބިވުމަކީ ކޮބައިތޯ ބަލާލަމާތޯއެވެ. ތިމާ ބޭނުންވާ ތަނަކަށްގޮސް މީރުކޮށް ކެއުން، ވަރަށްބޮޑަށް ބޭނުންވެފަ ހުރި އެއްޗެއް ގަނެލުން ނުވަތަ ތިބާ ދާން ބޭނުންވާ ޤައުމަކަށް ޗުއްޓީއަކަށް ގޮސްލުން ފަދަ ކަންކަމަކީ، އަމިއްލަ ނަފްސަށް ލޯބިކުރުންކަމުގައި ދެކެމުހެއްޔެވެ؟ ޝައްކެއްނެތެވެ. އެއީ އަދި އަމިއްލަ ނަފްސުދެކެ ލޯބިވުމެއްނޫނެވެ. އެފަދަ ކަންކަމަކީ ތިމާގެ ހިތުގެ ވަގުތީ އެދުންތައް ހާޞިލްކުރުމެވެ. އެކަންކަމަކީ، ދެމިހުންނަނިވި އުފާވެރިކަން އަދި ހިތްހަމަޖެހުން ގެނެސްދޭ ކަންކަމަކަށް ނުވާނެއެވެ.
އަމިއްލަ ނަފްސުދެކެ ލޯބިވުމަކީ ވަގުތީ ގޮތުން ތިމާ އެކަމަކާ އުފާވާނެ ފަދަ ކަމެއް ކުރުމަށްވުރެބޮޑަށް ތިމާއަށް ނަފްސާނީ ގޮތުންނާއި، ރޫހާނީ ގޮތުން، އަދި ޖިސްމާނީ ގޮތުން ވެސް ފައިދާވާނެ ގޮތަށް ތިމާގެ އަމަލުތައް ބަހައްޓަން މަސައްކަތްކުރުމެވެ. އަމިއްލަ ނަފްސުދެކެ ލޯބިވުމަކީ އަބަދުވެސް ކެނޑިނޭޅި ތިމާގެ އަމަލުތަކަށް ހެޔޮބަދަލުތައް ގެނެސް ކުރިއަރުވަން މަސައްކަތް ކުރުމެވެ. އެއްދުވަހުން އަނެއްދުވަހަށް ހަރުދާނާ ވިސްނުންތައް ވިސްނުމެވެ. ތިމާއަށްލިބޭ ފިލާވަޅުތަކުން އިބްރަތް ޙާޞިލުކޮށް ދިރިއުޅުމަށް ގެންނަންވީ ހެޔޮ ބަދަލުތަކާމެދު ވިސްނުމެވެ. މިފަދައިން ވިސްނަން ފެށުމުން ތިމާއަށް ތިމާގެ ކިބައިގައި ހުންނަ ނޭދެވޭ ސިފަތަކާއި އެދެވޭ ސިފަތައް ފާހަގަކުރެވެން ފަށާނެއެވެ. ދިރިއުޅުމުގައި ތިމާ ހާސިލް ކުރަންބޭނުންވާ ކަންކަމާއި މަގްސަދު ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި އެހެންމީހުންނަށް ތިމާއަކީ ކާކުކަން ސާބިތުކޮށްދިނުމަށް ބޭކާރު ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ދިރިއުޅުމުގައި ތިމާ ދަތުރުކުރަން ބޭނުންވާ މިސްރާބާއި، ޙާޞިލްކުރަންބޭނުންވާ މަގްސަދާއި ހަމައަށް ވާސިލްވެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން ބޭކާރު ވަގުތު ހޭދަކުރާ މިންވަރު މަދުވެ، މުހިއްމު އަދި މާނަ ހުރި ކަންކަމަށް ފޯކަސް ކުރަންފެށުމުގެ ސަބަބުން ތިމާ އެހެން މީހުންގެ ފަރާތުން ކަންކަމަށް އުންމީދު ކުރާމިންވަރު ކުޑަވެގެންދާނެއެވެ. އަދި ދިރިއުޅުމުގެ ފުރިހަމަ އުފާވެރިކަން އަމިއްލަ ވިސްނުމާއި މަސައްކަތުން ޙާޞިލްކުރެވޭ މިންވަރު އިތުރުވެގެންދާނެއެވެ.

ކޮންމެއަކަސް އަމިއްލަ ނަފްސުދެކެ ލޯބިވުމަށްޓަކައި މަސައްކަތްތަކެއް ނުވަތަ ހުނަރުތަކެއް ދަސްކުރަންޖެހެއެވެ. އެގޮތުން
1. އަމިއްލަ ސިކުނޑިއާއި، ވިސްނުމަށް ސަމާލުކަން ދިނުން.
އަމިއްލަ ނަފްސުދެކެ ލޯބިވާ މީހުންނަކީ އެމީހުން ވިސްނާ ކަންކަމާއި، ކުރެވޭ އިހުސާސްތަކާއި، އަދި ހާސިލްކުރަން ބޭނުންވާ ކަންކަން އިނގޭ މީހުންނެވެ. ތިމާއަށް ތިމާގެ ނަފްސު ރަގަޅަށް އިނގޭނަމަ ތިމާގެ އަމަލުތައް ހުންނާނީ އެހެންމީހުން ތިމާ ދެކެން ބޭނުންވާ ގޮތަށް ވުރެ ބޮޑަށް، ތިމާއަށް ތިމާ އަކީ ކާކުކަން އިގިގެން ތިމާ ދެކެން ބޭނުންވާ ގޮތަށް ބައްޓަން ކުރެވިފައެވެ.

2. ވަގުތީ އުފަލާއި ހިތްހަމަޖެހުންތައް ދޫކޮށް، ތިމާ ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުން.
މިގޮތަށް މަސައްކަތް ކުރަން ފެށުމުން މާނައެއްނެތް ގޮތުގައި ބޭކާރު ކަންކަން ކުރުން މަދުވެ، އެފަދަ ކަންކަމުން ލިބިދާނެ ގެއްލުންތަކުން ތިމާ ދުރުކޮށްދޭނެއެވެ. ތިމާގެ ހަރަދަނާކަން އިތުރުވާ މިންވަރަކަށް ތިމާއަށް ވަގުތީ ކަންކަމާއި ވަގުތީ އުފާތަކަށް ވުރެ ދިރިއުޅުމުގައި މުހިންމީ ދިގުދެމިގެންދާނެ ފަދަ އުފާތަކާއި މާނަ ހުރިކަންކަން ކުރުންކަންއިހުސާސްވާނެއެވެ.

3. އަމިއްލަ ނަފްސަށް ކަމޭހިތުން.
އަމިއްލަ ނަފްސު ދެކެ ލޯބިވާ މީހުންނަކީ އެމީހުންގެ ނަފްސަށް އަޅާލުމުގައި ކަމަށްކަމޭހިތާ ފަރުވާ ބަހައްޓާ މީހުންނެވެ. މިގޮތުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި، ދުޅަހެޔޮކަމަށް ސަމާލުވުމާއި، ގަޑިން ގަޑިއަށް ނިދާހޭލުމާއި، އަދި މީހުންނާ ގުޅުން ބަދަހިކުރުން ފަދަ ކަންކަން ހިމެނެއެވެ. ހަމަމިއާއެކު އެކަނި ހޭދަކޮށްލަން ލިބޭ ވަގުތަކީ ތިމާ ކަންކަމާއިމެދު ވިސްނާލަން ލިބޭ ފުރުސަތެއްކަމަށް ދެކޭށެވެ. އަދި އެކަނި ވަގުތު ހޭދަކުރަން ޖެހިއްޖެނަމަ މާޔޫސްވެ އެކަނިވެރިކަން އިހުސާސްވުމުގެ ބަދަލުގައި އެވަގުތަކީ ބޭނުންތެރި މުހިއްމު ވަގުތެއް ކަމަށްދެކޭށެވެ.

4. ތިމާއަށް ގެއްލުން ލިބިދާނެ ކަންކަމާއި ދުރުހެލިވުން.
އަމިއްލަ ނަފްސުދެކެ ލޯބިވާ މީހުންނަކީ، ތިމާއަށް ގެއްލުމެއް ވެދާނެ ކަންކަމުން ރައްކާތެރިވެތިބުމުގައި ސަމާލުވާ މީހުންނެވެ. އެގޮތުން ތިމާއާއި ގުޅުންނެތް ކަންކަމުގެ ތެރެއަށްވަނުމާއި، ކަންކަމަށް ދޭންވާ މިންވަރަށްވުރެ ބޮޑަށް އަހަންމިއްޔަތުކަންދިނުމާ އަދި ތިމާގެ އަމިއްލަ ނަފްސު ދެރަކޮށްލުން ނުވަތަ ނިކަމެތިކުރުންފަދަ ކަންކަމުން ދުރުހެލިވާންވާނެއެވެ.

5. ގުޅުންތައް ދެމެހެއްޓުމުގަ އާއި ދިރިއުޅުމުގެ ކަންކަން ހިއްސާކުރުމުގައި އެކަންކަމަށް ވަގުތު ހޭދަކޮށް އަހަންމިއްޔަތުކަން ދެވޭގޮތަށް ސަމާލުވުން.
ބައެއްފަހަރު ރަހުމަތްތެރިންގެ ގޮތުގައި ތިބޭ އެންމެންނަކީ ތިމާއަށް ހެޔޮއެދޭ ބަޔަކަށް ނުވެއެވެ. އަދި ބައެއްފަހަރު އެބަޔަކާއި ތިމާ ގުޅުން ބާއްވަން ބޭނުންވިއަސް ތިމާއާއި ގުޅުން ބާއްވަން ބޭނުންނުވާ  މީހުންނާއި ހެޔޮނޭދޭ މީހުންވެސް އެޅެއެވެ. އެހެން ކަމުން ތިމާގެ ނަފްސަށް ގެއްލުންވާ މިންވަރަށް އެފަދަ މީހުންނާއި މެދު ވިސްނާ ވަގުތު ބޭކާރުނުކުރާށެވެ. ހަނދާން ކުރަންވީކަމަކީ މުހިންމުވާންވީ ރަހްމަތްތެރިންގެ އަދަދެއް ނޫންކަމެވެ. ތިމާއަށް ހެޔޮއެދޭ، ތިމާ ދެކެލޯބިވާ އެންމެ ރަހްމަތްތެރިއަކުންވެސް ތިމާއަށް ހިތްހަމަޖެހުން ގެނެސްދޭނެކަމެވެ.

6. ގަސްދަކާއި އެކު ދިރިއުޅޭށެވެ.
ކުރިންވެސް ބުނެވިދިޔަހެން ތިމާ ހާސިލްކުރަންބޭނުންވާ މަގްސަދާއި ދާންބޭނުންވާ މަންޒިލް ތިމާއަށް އިނގޭނަމަ، ދިރިއުޅުން ކުރިއަށް ދާނީ މިދެންނެވުނު ގަސްދާއި ނިޔަތް ހިތުގައި ބާއްވައިގެންނެވެ. ތިމާ މަންޒިލަށް ދަތުރުކުރަން ބޭނުންވާ މަގު ކުރިމަތިން ފެންނަންނެތަސް، އެމަންޒިލަށް ވާސިލްވާނެ ގޮތްތަކަށް ތިމާގެ ޢަމަލުތަކާއި ވިސްނުން ބައްޓަންކުރެވިދާނެއެވެ. އެގޮތުން ތިމާގެ ވިސްނުމުގައި ހުރި ކަންކަން ތިމާގެ މަސައްކަތުން ހާސިލްވާތަން ފެނުމަކީ އަމިއްލަ ނަފްސަށްވާ ލޯބި އިތުރުވާނެ ކަމެކެވެ.

މިބުނެވުނު ކަންތައްތަކަށް މަސައްކަތް ކޮށް އަމިއްލަ ނަފްސަށް ލޯބިވާ މިންވަރު އިތުރު ކުރެވިއްޖެނަމަ، ތިމާގެ ފަރާތުން ތިމާ އާއި އެއްކޮށް އުޅޭ މީހުންނަށްވެސް މިކަމުގެ ފައިދާ ކުރާނެއެވެ. އެއްދުވަހުން ތިމާ އެހެންމީހަކަށް ބަދަލުވުމަކީ ވާނެކަމެއް ނޫނެވެ. ހަނދާންކުރަންވީ ކަމަކީ ކޮންމެ ދުވަހަކުވެސް ދުނިޔެއިން ފިލާވަޅެއް ދަސްކުރުމާއި އެކު ތިމާގެ އަމަލުތައް ބަހައްޓާގޮތަށް ސަމާލުކަންދިނުމަށެވެ.
--------------------------------------------------------------------------------------
ގިނަ ނަފްސާނީ އިލްމުވެރިން ބުނާގޮތުން ކުޑައިރުއްސުރެ ތަރުބިއްޔަތު ކުރެވިފައިވާ ގޮތުން ތިމާއަށް ދިމާވާ ބައެއް ހާލަތްތައް އަމިއްލަ ނަފްސަށް ބަލައިގަންނަން އުނދަގުވެއެވެ. އެހެންނަމަވެސް ނިއުރޯ ލިންގުއިސްޓިކް ޕްރޮގްރާމިންގް (އެން.އެލް.ޕީ) ގެ އިލްމުވެރިން ބުނާ ގޮތުގައި އިންސާނާގެ ސިކުނޑި އަކީ ވަރަށް ފުރިހަމަ ގުނަވަނެކެވެ. ތިމާގެ ސިކުނޑި ތިމާ ބޭނުން ގޮތަކަށް ޕްރޮގްރާމް ކުރެވެއެވެ. (ރެފެރަންސް: ސިކުނޑި ޕްރޮގްރާމް ކުރުން) އެހެން ކަމުން ދިރިއުޅުމުގައި ތިމާގެ އަމަލުތަކާއި އިހުސާސް ތައް ތިމާ ބޭނުން ގޮތަކަށް ބައްޓަން ކުރަން ސިކުނޑި އެހީ ތެރިވެދެއެވެ.