Wednesday, September 4, 2019

ވަގުތާއެކު ދިރިއުޅޭށެވެ

ވަގުތާއެކުގައި ދިރިއުޅެނީ އަހަރުމެންގެ ތެރެއިން ކިތައް މީހުން ބާއެވެ. އެވަގުތަކު ހިނގާ ކަންކަމަށް ސަމާލްކަންދީގެން ދިރިއުޅެނީ މަދުބައެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެއްފަހަރާ ގިނަކަންތައްތަކެއް ކޮށްލުމަކީ މޮޅުކަމެއް ކަމަށް އަހަރުމެންގެ ސިކުނޑިއަށް ވަނީ ވިސްނިފައެވެ. ހާއްސަކޮށް ބައެއް މީހުންނަކީ މިކަމަށް ވަރަށް ފަރިތަ ކުޅަދާނަ ބައެކެވެ.
ރަހުމަތްތެރިންނާއި ބައްދަލު ކޮށްލާ ވަގުތުތަކުގައި ވެސް ތިމާގެ އަތުގައި އޮންނަ މޮބައިލް ފޯނުން އޮފީހުގެ މުހިއްމު އީމެއިލްތަކަށް ހަލުވިކަމާއިއެކު ޖަވާބު ފޮނުވާލެވެއެވެ. އާއިލާއާއެކު ހޭދަ ކުރާ ވަގުތުތަކުގައި ވެސް ފޯނުން ވިޔަފާރީގެ މުހިއްމު ނިންމުންތައް ނިންމާލާކަށް ދަތިކަމަށް ނުވެއެވެ. މިގޮތުން ވަގުތުތައް ހޭދަކޮށްލަނީ ތަފާތު އެކި ވިސްނުންތައް ވިސްނުމަށް ސިކުނޑިއަށް ޖާގަ ދެމުންނެވެ. މީގެ ތެރެއިން ބޮޑުބައެއް ހޭދަވެގެންދަނީ މާދަމާ ކުރާނެ ނުވަތަ ވެދާނެ ކަންތައްތަކާމެދު ވިސްނުމާއި މާޒީ ގައި ހިނގާފައިވާ ކަންތައްތަކުގެ ވިސްނުންތައް ސިކުނޑިއަށް ގެންނަމުންނެވެ. ނަމަވެސް މާޒީއާއި މުސްތަގްބަލާ ދެމެދުގައި ގެއްލިގެންދާ އަގުބޮޑު އެއްޗެއް އެބައޮތެވެ. އެއީ މިއަދު ހޭދަކޮށްލަން ލިބިފައިވާ ވަގުތުކޮޅެވެ. 

އިންސާނުންގެ ތެރެއިން ބައެއް މީހުން އަބަދުހެން އުޅެނީ އެމީހުންގެ މާޒީ އާއި މުސްތަގްބަލްގެ ވިސްނުންތަކާ ދުރުނުވެވިގެންނެވެ. މިފަދަ މީހުން ގިނަފަހަރަށް ތިބެނީ އެމީހުން އުޅެމުންގެންދާ ވަގުތާއި ގުޅުންކެނޑިފައެވެ. ތިމާ އެތަނެއްގައި ހާޒިރުވެ ހުރި ނަމަވެސް ތިމާގެ ވިސްނުމާއި ފިކުރު ހުންނަނީ މާޒީ އާއި ނުވަތަ މުސްތަގްބަލާ ގުޅިފައެވެ. މިއާއި ހިލާފަށް ވަގުތާއިއެކު ދިރިއުޅޭ މީހުންގެ މާޒީވާނީ އެމީހުންގެ ފަހަތުގައެވެ. އަދި މުސްތަގްވާނީ ކުރިމަތީގައެވެ. މިފަދަ މީހުންނަކީ އެމީހުން ހާޒިރުވެ ތިބޭތަނެއްގައި އެމީހުންގެ ހަށިގަނޑާއި ސިކުނޑި އެތަނެއްގައި ހާޒިރުވެ ތިބޭ މީހުންނެވެ. ވަގުތާއި އެކު ދިރިއުޅުމުގެ ސިފައަކީ، ބައެއް މީހުންގެ ތަބީއަތުގައި އެމީހުންނާއެކު ލައްވާފައިވާ ސިފައެކެވެ. އަނެއްބައި މީހުން މި ސިފަ ޖެހެނީ ދަސްކުރާށެވެ ނުވަތަ އަށަގަންނުވަން މަސައްކަތްކުރާށެވެ. 

ވަގުތާއެކު ދިރިއުޅޭ މީހުންގެ ސިކުނޑީގައި ތިމާއާއި އެވަގުތަކު ކުރިމަތިވެފައިވާ ހާލަތު ރަނގަޅަށް ދެނެގަތުމުގެ ގާބިލްކަން ހުރެއެވެ. އެވަގުތަކު ހިނގާ ކަންތައްތަކަށް ފުރިހަމަ ވިސްނުން ބަހައްޓައެވެ. އަދި ތިމާ ކުރާކަމެއް ރަގަޅަށް އެނގިހުރެކުރުމާއިއެކު ތިމާގެ ވަށައިގެންވާ މާހައުލުން ދިމާވާ ކަންތައްތަކުގައި ވިސްނުންތެރިކަމާއިއެކު މުޢާމަލާތުކުރުމަކީ ވަގުތާއިއެކު ދިރިއުޅޭމީހުންގެ ސިފައެކެވެ(މި ބުނެވުނު ސިފައަށް ކިޔަނީ މައިންޑްފުލްނަސް) އެވެ. ތިމާގެ ކިބައިގައި މިސިފަތައް (މައިންޑްފުލްނަސް) އަށަގަނެފައިވާނަމަ ދިރިއުޅުމުގައި ދިމާވާ ތަފާތު ހާލަތްތަކުގައި (އެއީ ތިމާ އަށް ހިތާމަވެރިކަން ގެނެސްދޭ ހާލަތެއްނަމަވެސް) އެ ހާލަތު ބަލައިގަންނަން ފަސޭހަވެއެވެ. އަދި އެހާލަތުގައި ތިމާ މާޔޫސްވާ މިންވަރު ކުޑަވެ ޝަކުވާތައް މަދުވެ، ތިމާއަށް އެހާލަތު ތަހައްމަލުކުރަން ފަސޭހަވެދެއެވެ. ނަތީޖާއެއްގެ ގޮތުން ޑިޕްރެޝަނާއި ހިތުގެ ބަލިތައް އަދި ޖިސްމާނީ ބައެއް ބަލިތަކުން ތިމާ ދުރުކޮށްދެއެވެ. 

މި ސިފަތައް އަށަގެންނެވުމަށް މަސައްކަތް ކުރާނީ ކިހިނެތް؟ 

މި ސިފަތައް ތިމާގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ހާލަތު ރަގަޅަށް ދެނެގަނެ ވިސްނުން ފުރިހަމަ އަށް ބޭނުން ކުރާށެވެ. ވިސްނުމަށް އަންނަ ކަންކަން ކޮންޓްރޯލް ކުރާށެވެ. ނިންމުންތައް ނިންމުމުގައި އަވަސްވެ ނުގަންނާށެވެ. [ސިކުނޑީގެ ނިދާފައިވާ ބައި] (އިތުރު މައުލޫމާތު: ސިކުނޑި ޕްރޮގްރާމް ކުރުން މި އާޓިކަލް ގައި) ބޭނުންކޮށްގެން އެއްވެސް ނިންމުމެއް ނުނިންމާށެވެ. ބައެއްމީހުންނަކީ ސިނކުޑިއަށް ހިޔާލު އައުމާއެކު އެހިޔާލަށް ކުއްލިއަކަށް އަމަލުކުރަން އާދަވެފައިވާ މީހުންނެވެ. ތިމާއަށް އަންނަ ވިސްނުމާއި އެއަށް އަމަލުކުރުމާއި ދެމެދު ކުޑަ ވަގުތު ކޮޅެއް ބަހައްޓަން މަސައްކަތް ކުރާށެވެ. ފުރަތަމަ މިކަން ފަރިތަ ކުރުމަށްޓަކައި ތިމާއަށް ފަރިތަ ކަންކަން ކުރުމުގައި މި ބުނެވުނު ފަދައިން އަވަސްއަރުވާނުލާ ތިމާގެ ވިސްނުމާއި އަމަލުކުރުމާއި ދެމެދު ކުޑަ ވަގުތުކޮޅެއް ބަހައްޓަން މަސައްކަތް ކުރާށެވެ. 

މިބުނެވުނު ސިފަތައް ތިމާގެ ކިބައިގައި އަށަގަންނަން ފެށުމުން ތިމާގެ ކެތްތެރިކަމާއި މަޑުމައިތިރިކަން އިތުރުވެގެން ދާކަން އަމިއްލަ ނަފްސަށް ފާހަގަކުރެވެން ފަށާނެއެވެ. އަދި ތިމާއާއެކު ތިމާގެ ހަށިގަނޑާއި ސިކުނޑި އެވަގުތުގައި ފުރިހަމައަށް ހާޒިރުވާކަން ފާހަގަކުރެވޭނެއެވެ. ތަފާތު ހިޔާލުތަކާއި ދުރުވެ އެވަގުތެއްގައި ހިނގާ ކަންކަމަށް ސަމާލްކަން ދިނުން އިތުރުވެގެންދާނެއެވެ. [ސިކުނޑީގެ އަޑު] މިލިޔުމުގައި ތިމާގެ ސިކުނޑިއަށް އަންނަ ތަފާތު ހިޔާލްތައް ކޮންޓްރޯލް ކުރުމަށް ހިނދުކޮޅަކަށް ތިމާ ވަކި ކަމަކަށް ވިސްނުން ހުސްކޮށްލުން މުހިންމު ކަމަށް ވާނީ އަލިއަޅުވާލާފައެވެ. މިފަދަ ހަމަހިމޭން ވަގުތު ކޮޅެއް ހޭދަކުރުމަށްޓަކައި ތިރީގައި މިބުނާ ހަރަކާތްކޮށްލާށެވެ. 

ހަމަޖެހިގެން ތަނެއްގައި އިށީނއިދެލާށެވެ. އެއަށްފަހު ތިމާގެ ނޭވާލުމަށް ފޯކަސް ކުރާށެވެ. ނޭވާލާއިރު ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވާގޮތާމެދު ވިސްނާށެވެ. މިގޮތުން ނޭފަތުން ނުވަތަ އަނގައިން ނޭވާ އެތެރެއަށާއި ބޭރަށް ދާގޮތް އިހުސާސް ކުރާށެވެ. ނޭވާ އެތެރެއަށް ދަމާލާއިރާއި ބޭރަށް ދޫކޮށްލާއިރު މެއަށާއި، ބަނޑަށް އަންނަ ބަދަލުތައް ފާހަގަކުރާށެވެ. 

އެކި ދިރާސާ ތަކުގައި ބުނާގޮތުން މިފަދަ ހަމަހިމޭން ވަގުތު ކޮޅެއް ކޮންމެ ދުވަހަކުވެސް ހޭދަކޮށްލުމުގެ ފައިދާތަކުގެ ތެރޭގައި:- 

1. ތިމާއަށް ނަފްސާނީ އަދި ޖިސްމާނީ ތަދުތައް ތަހައްމަލުކުރަން ފަސޭހަވުން ހިމެނެއެވެ. އެހެނީ ތިމާއަށް ކުރިމަތިވާ ހާލަތްތައް ދިރިއުޅުމުގެ ބައެއްގެގޮތުގައި ބަލައިގަނެވި، ތިމާ މާޔޫސްވުން ކުޑަވެ އަދި ކުރިއަށް ދިއުމުގެ މަގުފަހިވެގެންދެއެވެ. 

2. ތިމާ މުއާމަލާތު ކުރުމުގެ ހުނަރާއި ތިމާ އެހެން މީހުންނަށް ދޭ ސަމާލުކަން އިތުރުވެ، ދިރިއުޅުމުގެ ތަފާތު ގުޅުންތައް (އާއިލީ ގުޅުންތަކާއި ލޯބީގެ ގުޅުންތައް އަދި ރަހްމަތްތެރި ކަމުގެ ގުޅުންތައް) އިތުރަށް ބަދަހިވެގެން ދެއެވެ. އެހެނީ މުއާމަލާތު ކުރުމާއި ތިމާއާއި އެކުގައި އުޅޭ މީހުންނަށް ސަމާލުކަން ދިނުމަކީ ގުޅުން އިތުރަށް ބަދަހި ކުރުމުގައި ވަރަށް މުހިންމުކަމެކެވެ. 

ހަނދާން ކޮށްލާށެވެ...ބައެއް ފަހަރު ތިމާ އާއި މީހަކު ވާހަކަ ދައްކާ އިރު އެމީހަކަށް ބަލަން އިންކަމުގައި ވިޔަސް އެދައްކަނީ ކޮން ވާހަކައެއްކަން ނޭނގޭ ފަހަރުވެސް އާދެއެވެ. އެއީ ސިކުނޑީގައި އެހެން ހިޔާލުތައް އެނބުރޭތީއެވެ. ތިމާ އެހެންމީހުންނަށް ދޭންވާ ސަމާލުކަން ފުރިހަމައަށް ނުދެވޭތީއެވެ. 

3. ސިނކުޑީގައި ހިނގާ ތަފަތު މަސްހުނި ހިޔާލްތައް (އިތުރު މައުލޫމާތު: ސިކުނޑީގެ އަޑު މިލިޔުމުގައި) ހުއްޓުވާލަން ފަސޭހަވެގެން ދެއެވެ. ކުރަމުންދާ ކަމަކަށް ފުރިހަމައަށް ސިކުނޑި މީޒާންކުރަން ދަސްވެއެވެ. އެހެނިހެން ހިޔާލުތައް އަންނަ ގަޑީގައި އެހިޔާލުތައް ކޮންޓްރޯލް ކުރާނެ ގޮތް ތިމާއަށް އިނގެއެވެ. އަދި މިކަމުގެ ސަބަބުން ދިރިއުޅުމުގައި ތިމާ ހާސްކަމާއި މާޔޫސް ކަން ތަހައްމަލް ކުރާ މިންވަރު ކުޑަވެއެވެ. 

ކޮމެންޓްސް