Wednesday, September 4, 2019

ސިކުނޑި ޕްރޮގްރާމް ކުރުން

އިންސާނުންގެ ސިކުނޑިއަކީ ހައިރާންކުރުވާފަދަ އަޖައިބު މޮޅު ގުނަވަނެކެވެ. އެވަގުތަށް ބޭނުން ނުކުރާ ހުރިހާ މަޢުލޫމާތެއް ހުންނާނީ ފޮރުވާ ސިކުނޑީގެވަކި ބައެއްގައި ރައްކާ ކޮށްފައެވެ. މި ބަޔަށް ކިޔަނީ (ސަބްކޮންޝަސް މައިންޑް) އެވެ. މި އާޓިކަލްގައި ނިސްބަތްކުރާނީ ސިކުނޑީގެ ނިދާފައިވާ ބައިގެ ނަމުންނެވެ. ސިކުނޑީގެ މިބައިގައި ތިމާގެ ހަޔާތުގައި ކުރިން ދިމާވެފައިވާ ކަންކަމާ މަންޒަރުތަށްވެސް ހިމެނޭނެއެވެ. އަދި ބޭނުންޖެހުމުން މި ފޮރުވާފައިހުރި މަޢުލޫމާތުތަށް ބޭނުންކުރެވެއެވެ.
ސިކުނޑީގެ މި މުހިންމު ބައި ދެނެގަތުމަށް އެންމެ ފަސޭހަވަނީ މިދަންނަވާ މަންޒަރު ހިތަށް ގެނައުމުންނެވެ. އަލަށް ކާރެއް ދުއްވަން ދަސްކުރާ މީހަކަށް އޭނާ ދަސްކުރުމަށްޓަކައި ކާރުދުއްވާއިރު މީހަކާ ވާހަކަ ދެއްކުމަކީ ވަރަށް އުދަނގޫކަމަކަށް ވާނެއެވެ. އެ ކީއްވެތޯއެވެ؟ އެއީ އޭނާ އެވަގުތު ބޭނުން ކުރަމުން ދާނީ އޭނާގެ ސިކުނޑީގެ މިދެންނެވި މަޢުލޫމާތު ރަށްކާކޮށްފައިވާ ބައެއްނޫނެވެ. އޭނާ އެ ބޭނުންކުރަނީ ސިކުނޑީގެ ހޭލާހުރި ބަޔެވެ. ނުވަތަ މަޢުލޫމާތު އެއްކުރަމުންދާ ބައެވެ. މިބަޔަށް ކިޔަނީ ( ކޮންޝަސް މައިންޑް) އެވެ. މި އާޓިކަލްގައި ނިސްބަތް ކުރާނީ ސިކުނޑީގެ ހޭލާހުރި ބައިގެ ނަމުގައެވެ.

މީހާ އޮޓޯޕައިލެޓްއަށް ލެވެނީ އެމީހެއްގެ ސިކުނޑީގެ ނިދާފައިވާބައި ބޭނުންކުރާއިރުއެވެ. މީގެ އިތުރު މިސާލަކީ ހޮސްޕިޓަލަށް ބަލިމީހަކަށް ގޮވާލަންދާ މީހެއްގެ މިސާލެވެ. ބަލިމީހާއަށް ގޮވާލަން ދާ ފުރަތަމަ ދުވަހުދާނީ ބަލިމީހާއޮތް ކޮޓަރި ހޯދަމުންނެވެ. ހޮސްޕިޓަލްގެ މަގުތަކާ ކޮޓަރިތަށް ދަސްކުރަމުންނެވެ. ނަމަވެސް ދެވަނަދުވަހު ފުރަތަމަ ދުވަހާ ހިލާފަށް މަގު ދަސްކުރަން ވިސްނާކަށް ނުޖެހޭނެއެވެ. ތިންވަނަދުވަހުދާނަމަ ބަލިމީހާއޮތް ކޮޓަރިޔާ ހަމައަށް ދާނީ ގިނަފަހަރަށް ކޮންމެސް އެހެން ކަމަކާ ވިސްނަމުންނެވެ. ކޮޓަރިއާ ހަމަޔަށް ދެވޭކަންވެސް ނޭނގެއެވެ. ސަބަބަކީ ސިކުނޑީގައި އެ ޕްރޮގްރާމް ރައްކާކުރެވުނީއެވެ. އޮޓޯ ޕައިލެޓްއަށް މީހާ ލެވުނީއެވެ.

ސިކުންޑީގެ ނިދާފައިވާ ބައި (ސަބްކޮންޝަސް މައިންޑް)
ސިކުނޑިއަކީ ކޮމްޕޮއިޓަރއެއް ކަމަށް ހީކޮށްލާށެވެ އަދި ދަސްކުރި ކާރު ދުއްވުމުގެ ހުނަރުއެއީ ސިކުނޑީގައި ރައްކާ ކުރެވުނު ޕްރޮގަރާމެއްކަމަށް ހީކޮށްލާށެވެ. މި ޕްރޮގްރާމަކީ ބޭނުންވެއްޖެ ހިނދެއްގައި އެކަން ކުރަން ބޭނުންވީމާ ސިކުނޑީގައި ކުރިޔަށް ގެންދެވޭ ޕްރޮގަރާމެކެވެ. މިފަދަ އެތަށް ޕްރޮގްރާމެއް ސިކުނޑީގައިވަނީ ރައްކާ ކުރެވިފައެވެ. ރުޅިއައުމަކީވެސް މިފަދަ ޕްރޮގްރާމެކެވެ. ތިމާ ހިންހަމަ ނުޖެހޭކަމެއް މީހަކު ކޮށްފިނަމަ ފަހުން ހިތާމަކުރަންޖެހުނު ނަމަވެސް ރުޅިއައުމުގެ ޕްރޮގަރާމް އެވަގުތު ސިކުނޑީގައި ހިންގާލެވެއެވެ.

ތިމާގެ ސިކުނޑީގައި އައު ޕްރޮގަރާމްތަކެއް ރައްކާ ކުރުމަކީ ވެދާނެކަމެކެވެ. ޔަގީން ކުރަންވީ އެކަމަކީ ތިމާގެ އޮޓޯ ޕައިލެޓްއަކީ ތިމާއަށް ފައިދާހުރި މަގުދައްކާ އެއްޗަކަށް ހެދުމަށެވެ. ތިމާގެ ގައިގައި ރަނގަޅު އާދަތައް އަށަގެންނެވުމަށްޓަކައި ތިމާގެ ސިކުނޑި ޕްރޮގްރާމް ކުރާށެވެ. ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ތަކުރާރުކޮށް ކުރުމުން އެކަމެއް އާދަވެއެވެ. ވަކި ގަޑިއެއްގައި ނިދާފައި ވަކި ގަޑިއެއްގައި ހޭލަން ސިކުނޑި ޕްރޮގަރާމް ކުރެވިދާނެއެވެ. ހައިރާންވާންޖެހޭ ކަމަކީ އަހަރުމެންގެ ސިކުނޑި މިކަމަށް ޕްރޮގަރާމް ވުމުން ގަޑި އަލާމް ނުކުރިޔަސް ހޭލަން އާދަވެފައިވާ ގަޑިއެއްގައި ހޭލެވޭކަމެވެ. ފަތިހު 5.30 ގައި ހޭލަންބޭނުންނަމަ އެކަން ތަކުރާރުކޮށް ސިކުނޑިއަށް ބުނެދޭށެވެ. އަދި އާދަހިފެންދެން ގަޑި އަލާމް ކުރާށެވެ. މިއާއެކު އަވަހަށް ހޭލުމަށް ޓަކައި އަވަހަށް ނިދާށެވެ. އެކަށީގެންވާ ނިދި ލިބިގެންނޫނީ ސިކުނޑީގެ ވަރުބަލިކަން ފިލައިގެން ހޭލަން އުނދަގޫވާނެތީއެވެ. މި ގޮތަށް ތަކުރާރުކޮށް މިގަޑީގައި ހޭލަންފަށާފައި ދެން ގަޑީގެ އަލާމް ބޭނުންނުކޮށް ހޭލެވޭތޯ ބަލާށެވެ. މިގޮތުން ނަފްސުގެ ތަބީއީ ކަންތައްތައް ޕްރޮގަރާމްކޮށްގެން ކުރުމަށް ކިޔަނީ ބައިލޮޖިކަލް ކްލޮކް ޕްރޮގްރާމް ކުރުމެވެ. މިސާލަކަށް ކަސްރަތު ކުރުމާއި އަރާމުކުރުންވެސް ކޮންމެދުވަހެއްގެ އެއްގަޑިއެއްގައި ކުރުމަށް އާދަކުރާށެވެ. ހެނދުނު ހޭލައިގެން ދުވަހުގެ މަސައްކަތްތަށް ފެށުމުގެ ކުރިން ކަސްރަތުކުރަން އަދި ދުވަސް ދެބައިވުމުން އަރާމުކޮށްލުންފަދަ ކަންކަން ގަވައިދުންކުރުމަށް އާދަކުރެވިދާނެއެވެ. މިއީ އިންސާނާ ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި މިފަދައިން މީހާ ޕްރޮގަރާމް ވުމުން ގަޑިއަށް ފަރުވާތެރިވުންވެސް އަށަގަންނާނެއެވެ. އަދި މިއާއެކު ވަގުތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމާއިއެކު ބޭކާރުކަންތައްތަކަށް ހޭދަކުރެވޭ ވަގުތު މަދުވެ ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުން ލަނޑުދަނޑިތަށް ހާސިލްވާލެއް އަވަސްވެގެން ދިއުން އެކަށީގެންވެއެވެ.



ކޮމެންޓްސް

ކޮމެންޓް ކުރައްވާ