Wednesday, September 4, 2019

ސިކުނޑީގެ އަޑު - 3 ވަނަ ބައި

މިސާލަކަށް.... ކަނޑު އަހަރުމެނަށް ނޫކުލައިގައި ފެނުނަސް އެ ކަނޑުން ލޮނުނަގާ އެއްޗަކަށް އެޅުމުން އެހުންނަނީ ނުކުލައަކު ނޫނެވެ. އެހެންނަމަވެސް އަހަރުމެންގެ ސިކުނޑި އަހަރުމެނަށް ކަނޑަކީ ނޫކުލައިގެ އެއްޗެއްކަމަށް ޤަބޫލުކުރުވަނީ މިބުނެވުނު ފަދައިން
އަހަރުމެނަށް އިވިފައިވާ އަޑުތަކުންނާއި ލޮލަށް ސިކުނޑިދައްކާފައިވާ މަންޒަރުންނެވެ. ނަމަވެސް މިއީ ޙަޤީގަތެއް ހެއްޔެވެ؟
އަހަރުމެންގެ ސިކުނޑިއަށް ޕްރެޝަރ ބޮޑުވެގެން ސިކުނޑީގެ އަޑު ގަދަވެގެން ދާގޮތުގެ މިސާލަކީ އަޑުގޮވާ ފެންކައްކާ ކުރައެއްގެ މިސާލެވެ. ފެން ހޫނުވަމުންގޮސް ފުރިހަމައަށް ކެކުމުން ކުރާއިން ވަރަށް ބާރުއަޑެއް ގޮވަން ފަށައެވެ. އެއީ އާވީގެ ސިފައިގައި ހަކަތަ ބޭރުވެގެންދާއިރު ގޮވާ އަޑެކެވެ. ހަމަ މިފަދައިން އަހަރުމެންގެ ސިކުޑިއިން މިފަދަ ހަކަތައެއް އުފެދިގެން އަންނަނީ އަހަރުމެނަށް ކުރިމަތިވާ ތަފާތު އެތަށް ހާދިސާތަކެއްގެ ސަބަބުން ކުރިމަތިވާ އޮޅުންބޮޅުންތަކާއި، ހިތުގައި އުފެދޭ ބިރުވެރިކަމާއި، ބޭނުންވާ ބޭނުންތަކާއި، މިފަދަ އެތައްކަމަކުން އުފެދޭ މަސްހުނި ޙިޔާލުތަކުން ސިކުނޑި ފުރުމުންނެވެ.
ނިއުރޯސައިންސް ބުނާގޮތުން މިހާލަތު މެދުވެރިވަނީ ސިކުނޑީގެ ފޯކަސް ގެއްލުމުންނެވެ. ވަކި ގޮތަކަށް ވިސްނުން ބަހައްޓަން މަސައްކަތް ނުކޮށް އެކި ކަންކަމާ ވިސްނުމަށް ސިކުނޑި ދޫކޮށްލުމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ އެވަގުތެއްގައި ހިނގާ ކަންކަމަށްވުރެ އެކި ކަންކަމުގެ މައްޗަށް ސިކުނޑި ދޫކޮށްލުމުންނެވެ. މިހާލަތު ތަކުރާރުވަމުންދާނަމަ ސީޓްޒޯފޭނިއަރ، އަލްޒައިމާސް ފަދަ ސިކުންޑީގެ ބަލިތައް ޖެހުމަކީވެސް މެދުވެރިވެދާނެ ކަމެއްކަމަށް މިކަމުގެ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެހެންކަމުން އަހަރުމެނަށް ނޭނގިނަމަވެސް އަބަދުހެން ސިކުނޑި މި ދައްކާ ވާހަކަތައް ކޮންޓްރޯލް ކުރާނެގޮތް ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިރިއުޅުމުގައި ކާމިޔާބު އުފާވެރި މީހުންނަކީ އެމީހެއްގެ ސިކުނޑީގެ ޖަޒްބާތުތަށް ކޮންޓްރޯލް ކުރަން އުފެދުމުގައި ދަންނަ ނުވަތަ ޖަޒްބާތުތަކުގެ މައްޗަށް ނަފްސު ވަރުގަދަކުރާ މީހުންނެވެ. ތިމާގެ ސިކުނޑީގައި އުފެދޭއަޑު ޤުދުރަތީ ގޮތުން ކޮންޓްރޯލް ނުކުރެވޭ ނުވަތަ ބާރުނުފޯރުވޭ މީހެއްނަމަ އެކަން ކުރުމަށް މަސައްކަތް ތަކެއް ކުރަންޖެހެއެވެ. އެއީ ތިމާ އުފަލުގައި ހަމަޖެހިގެން ހުރުމަށްޓަކައެވެ.
1. ތިމާގެ ސިކުނޑި ތިމާކައިރީ ބުނާ ވާހަކަތައް ފަހި (ޕޮސިޓިވް) އެއްޗަކަށް ހެދުން.
ތިމާގެ ސިކުނޑި އަބަދުވެސް ތިމާއާ ވާހަކަ ދައްކަމުންދާކަން ދެނެގަނެ އެވާހަކަތަކަށް ސަމާލުކަން ދޭށެވެ. އެންމެގިނައިން ސިކުނޑި ވާހަކަދައްކަނީ ކޮންކޮން ހާލަތްތަކެއްގައިތޯ ވިސްނާލާށެވެ. މި އަޑު ގިނަފަހަރަށް ޕޮސިޓިވް ހެއްޔެވެ؟ ތިމާއަށް ހިއްވަރުދޭ ހެއްޔެވެ؟ ނޫނީ ގިނަފަހަރުވަނީ ނެގެޓިވް ހެއްޔެވެ؟ ތިމާ ކުރިމަތިލާންއުޅޭ ކަންތައްތަކަށް ހުރަސް އަޅާހެއްޔެވެ. ގަސްތުގައި މި އަޑު ޕޮސިޓިވް އެއްޗަކަށް ހެދުމަށް ސިކުނޑީގެ މައްޗަށް ތިމާގެ ބާރު ފޯރުވާށެވެ. (ކަންކަމުގައި ފަހި ވިސްނުން ގެންގުޅޭނެގޮތް ފަހުގެ ލިޔުމެއްގައި ހިމަނާލާނަމެވެ.)

ކޮމެންޓްސް

ކޮމެންޓް ކުރައްވާ