Wednesday, September 4, 2019

ކުރިއަށް ދިއުމަށްޓަކައި ކޮމްފާޓް ޒޯން ދޫކޮށްލަން ޖެހޭ!

އިންސާނާ ދިރިއުޅުމުގައި އާދަވެގެން ކުރާ ކަންތައްތަކާއި، އާންމުކޮށް ބައްދަލުވާ މީހުންނާ މުޢާމަލާތުކުރުމާއި، ފަރިތަ މާހައުލުތަކަށް
ދިއުން ފަދަ ކަންތައްތަކަކީ އެއްވެސް ހާސްކަމަކާއި މާބޮޑު ފިކުރަކާ ނުލާ ތިމާ ކުރާ ކަންތައްތަކެކެވެ. އެއާޚިލާފަށް ތިމާ ދުވަހަކުވެސް ނުކުރާ ކަމެއް ކުރަން ޖެހިއްޖެނަމަ ބައެއްފަހަރު ކުޑަނަމަވެސް ނުތަނަވަސް ކަމެއް ނުވަތަހާސްކަމެއް ކުރިމަތިކުރުވައެވެ.
ދުވަހަކުވެސް ބައްދަލު ނުކުރާ މީހަކާއި ބައްދަލު ކުރަންޖެހުން، ދުވަހަކުވެސް ނުދާ ތަފާތު ތަނަކަށް ދިއުން ފަދަ ކަމެއް ކުރަންޖެހިއްޖެ ނަމަ ކުޑަކޮށް އެކަމަކާއިމެދު ވިސްނި ޖެހިލުންވާ ފަހަރު އާދެއެވެ. އެހެންކަމުން ގިނަ ފަހަރަށް އިހުތިޔާރު ކުރެވެނީ ތިމާއަށް ފަރިތަ އެކަމަކުން ތިމާއަށް އެއްވެސް ނުތަނަވަސް ކަމެއް ނާންނަ ފަސޭހަގޮތް އިހުތިޔާރު ކުރާށެވެ. އެއީ ތިމާގެ މާލީ ހާލަތު އިތުރަށް ތަރައްގީ ކުރުން ކަމުގައި ވިޔަސް ނުވަތަ ޖިސްމާނީ ހާލާތު ރަގަޅުކުރުން ކަމުގައި ވިޔަސް ނުވަތަ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ވިޔަސް ފަސޭހަގޮތް ދޫކޮށްލާ އާކަންތައްތަކެއް ތަޖުރިބާ ކޮށް ތަފާތު ގޮން ޖެހުންތަކާއި ކުރިމަތިލާ ރިސްކް ނެގުން ވެފައި އޮންނަނީ ދަތި އަދި ކުރިމަތިލާން ނުކެރޭވަރުގެ ކަމަކަށްވެފައެވެ. އެހެން ކަމުން ގިނަފަހަރު ތިމާގެ މިހާރުގެ ހާލަތަކީ ހަމައެންމެ ރަގަޅު ހާލަތުކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދޭ މީހުން ވެސް މަދެއްނޫނެވެ. ނުވަތަ އިތުރަށް ކަމެއް ހާސިލްކޮށް ހާލަތު ބަދަލު ކުރުމަށް ދެން ކުރެވޭނެ ވަކި އިތުރު ކަމެއް ނެތް ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭ މީހުންވެސް މަދެއްނޫނެވެ. ހަގީގަތަކީ ތިމާ ހުރި ހާލަތު ބަދަލުކުރުމަށް ކުރިމަތިލާން ޖެހޭ ކަންތައްތަކާ ކުރިމަތިލާން ފަސްޖެހުމެވެ.

މިދެންނެވި ތިމާއަށް ފަސޭހަ ގޮތް އިހްތިޔާރު ކޮށްގެން ހުރުމުގެ ހާލަތަށް ކިޔަނީ "ކޮމްފާޓް ޒޯން" (Comfort Zone) ގައި ހުރުމެވެ. މަތީގައި ބުނެވުނު ފަދައިން ތިމާ އަބަދު ކޮށްފަރިތަ، އާދަވެފައިވާ ކަންތައްތަކާއި، ތިމާއަށް ފަރިތަ މާހައުލުތަކާއި، މީހުންވެސް ހިމެނެނީ ތިމާގެ ކޮމްފާޓް ޒޯންގެ ތެރޭގައެވެ. އެހެންކަމުން ކޮމްފާޓް ޒޯންގެ ތެރޭގައި ދިރިއުޅުމުގެ ކަންކަން ކުރުމަށް އެއްވެސް ބުރަ މަސައްކަތެއް، ގޮންޖެހުމެއް އަދި ހާސްކަމެއް ކުރިމައްޗެއް ނުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ ތިމާއަށް އެންމެ ރައްކާތެރި އެއްވެސް ރިސްކެއްނެތް ހާލަތަކީ ތިމާގެ ކޮމްފާޓް ޒޯންގައި ތިމާ ހުރުމެވެ. ކޮމްފާޓް ޒޯންގައި ހުރެވުމަކީ ގޯސް ކަމެއްކަމުގައި ނުނިންމާށެވެ. އެހެންނަމަވެސް އިންސާނާގެ ކުރިއެރުމާއި، ކަންކަން ދަސްކުރުމާއި އަދި އިންސާނީ ތަރައްގީ އަބަދުވެސް ވާނީ ކޮމްފޯޓް ޒޯނުން ބޭރުގައިކަން ހަނދާން ކުރާށެވެ.

ކޮމްފޯޓް ޒޯނުގައި ތިމާގެ ސިކުނޑި ގެންގުޅުމަށް އިހުތިޔާރު ކުރާ މީހުން، އެމީހުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް އެމީހަކަށް ފަސޭހަ ވަގުތަކަށް ފަސްކުރުމާއި، އެކުރެވޭ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ހާސިލް ނުކުރެވުނު ކަމުގައިވިޔަސް އެމީހަކަށް ފަސޭހަ ގޮތަކަށް އެމަސައްކަތެއް ކުރުމަކީ، އެމީހުންގެ ތަބިއްޔަތުގައިވާ އާދައެކެވެ. އަދި ތިމާއަށް ގޮންޖެހުންތަކާއި ހާސްކަމެއް ނުވަތަ ސިނކުޑީގެ ނުތަނަވަސްކަމެއް ކުރިމަތިވެދާނެ ނިންމުންތައް ނިންމުމަށް ޖެހިލުންވުމާއި ރިސްކެއް އެކުލެވޭ ކަންކަމުގައި ޒިންމާނަގަން ޖެހިލުންވުމަކީވެސް ކޮމްފާޓް ޒޯނުގައި ތިބުމަށް އިހުތިޔާރުކުރާ މީހުންގެ ގޮތެއްކަމަށް ދިރާސާތަކުން ދައްކައެވެ. ކޮމްފޯޓް ޒޯނުގައި ދިރިއުޅެމުންދާއިރު ގިނަ ފަހަރު ތިމާ ކިބައިގައި ފޮރުވިފައިވާ ހުނަރުތަކާއި ކުޅަދާނަކަން ދެނެއެއްނުގަނެވޭނެއެވެ. ތިމާގެ ގާބިލްކަމުގެ %50 ވެސް ބޭނުން ނުކޮށް ދިރިއުޅޭ މީހުން މަދެއް ނޫނެވެ. ސަބަބަކީ ކުރިންވެސް އިޝާރާތްކުރި ފަދައިން އެމީހުން އިހްތިޔާރު ކުރަނީ އަދި ހިތްހަމަ ޖެހެނީ ގޮންޖެހުންތަކާއި ސްޓްރެސްއާއި ދުރުގައި ސިކުނޑި އޮޕަރޭޓް ކުރުމަށެވެ. ދިރިއުޅުމުގައި މަންޒިލެއް މަޤްސަދެއްނެތި ކުރިއަށް ދިއުމާއި ހެޔޮ ބަދަލުތައް ގެންނަން މަސައްކަތްކޮށް ޕްލޭން ކުރުމަށްވުރެއް އެކަމެއްގެ ވަގުތުޖެހުނީމަ އެކަމެއްވާނެކަމަށް ދެކިގެން ހުރުމަކީ މިފަދަ މީހުންގެ ގޮތެއްކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އެއް ސަބަބެއް ކަމަށް ދިރާސާތަކުން ދައްކަނީ ދިރިއުޅުމަށް ހެޔޮބަދަލެއް ގެންނަން ނަގަންޖެހޭ ރިސްކާއި، ސްޓްރެސްއާއި ކުރިމަތި ލުމަށްވުރެ އެއްވެސް ކަމެއް ބަދަލުނުކޮށް އުޅެމުންދާ ހާލަތުގައި ހުރުން މިފަދަ މީހުން އިހްތިޔާރު ކުރާތީއެވެ. ކޮމްފާޓް ޒޯނުން ބޭރަށް ނުނިކުމެ އަބަދު ކޮމްފާޓް ޒޯން ގައި ތިމާގެ ވިސްނުމާއި އަމަލުތައް ބަހައްޓާނަމަ އެއްދުވަހުން އަނެއް ދުވަހަށް ތިމާ ދިރިއުޅުމުގައި ކުރިއަށް ދިއުމުގެ ބަދަލުގައި ހުރި ފިޔަވަޅުމަތީ ހުރުން ނުވަތަ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ތިމާގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ދިއުންވާނީ ވަރަށް ގާތުގައެވެ.

ދިރިއުޅުމުގައި ތިމާއަށް ކާމިޔާބީ ހާސިލު ނުކުރެވެނީ ނުވަތަ ކާމިޔާބާއި ހަމަޔަށް ވާސިލުނުވެވެނީ ނުވަތަ ތިމާގެ ދިރިއުޅުން ބަނަވެގެން ދަނީ ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ފަސްޖެހޭތީއެވެ. އެގޮތުން ބަދަލު ގެންނަން ބޭނުންނުވާ ސަބަބުތަކުގެ ތެރޭގައި އެންމެ ބޮޑު ހުރަހަކީ، [ބިރު] ކަމުގައި ދިރާސާތަކުން ދައްކައެވެ. މިދެންނެވުނު [ބިރު] ތަފާތު އެކި ސިފަ ސިފައިގައި ތިމާއާއި ކުރިމަތިލައެވެ. އެގޮތުން [ފެއިލް ވެދާނެ ކަމުގެ ބިރު] ނުވަތަ [ތިމާގެ ނިންމުން އެހެންމީހުން ބަލައިނުގެންފާނެ ކަމުގެ ބިރު] މީގެތެރޭގައި ހިމެނެއެވެ. މިސަބަބުތަކާއި ހުރެ ތިމާ ކޮމްފޯޓް ޒޯނުގައި އަބަދު އުޅެމުންދަނީއެވެ. އަދި އަމިއްލަ ނަފްސަށް ތަފާތު ވަހުމާއި ވިސްނުންތައް ވިސްނައިދީ ބުނެވިދިޔަ ބިރުވެރިކަމުން ސަލާމަތްކޮށްދިން ފަދަ މޭރުމަކުން ހިތައް ހަމަޖެހުން ގެނެސްދީފައި ބަހައްޓައެވެ. އެހެންކަމުން ތިމާއަށް ހަގީގީ ހިތްހަމަޖެހުން ލިބެންއޮތީ، ކޮމްފޯޓް ޒޯން ދޫކޮށް ރިސްކާއި ސްޓްރެސްއާއި ކުރިމަތިލައި ކުރަން ބޭނުންވާ ކަމެއް ހާސިލް ކުރުމުންކަން ޤަބޫލުކުރަންވީ ވަގުތާއި ބައްދަލުކުރަން ނުވޭހެއްޔެވެ؟

ކޮމްފޯޓް ޒޯނުގައި ދިރިއުޅުމުގެ ގިނަ ކަންތައްތައް ތަޖުރިބާ ކުރަމުންދާ މީހުންނަށް ހަގީގަތުގައި ކޮމްފޯޓް ޒޯން ދޫކޮށް ބޭރަށް ނުކުތުމަކީ ވަރަށް ދަތި ކަމަކަށްވެއެވެ. ސަބަބަކީ މިފަދަ މީހުންނަށް ދިރިއުޅުމުގައި ފަސޭހަގޮތްތައް އިހުތިޔާރު ކުރުމަކީ ކަށީގައި އަށަގަނެފައިވާ އާދަތަކަކަށް ވާތީއެވެ. ނަމަވެސް ތިމާ ދިރިއުޅުމުގައި ނަތީޖާ ހާސިލް ކުރާ މީހަކަށް ވުމަށް އަދި އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށްދާ މީހަކަށް ވުމަށް ކޮމްފޯޓް ޒޯން ދޫކޮށްލުން ބުއްދިވެރިއެވެ. އެގޮތުން ތިމާއަށް އުދަގުލުން ހާސިލް ކުރެވޭ ކަންތައްތައް ކުރަން ފަސްނުޖެހޭށެވެ. ފަސޭހައިން ކަމެއް ހާސިލްވީމަ ލިބޭ އުފަލަށްވުރެ އުނދަގުލުން ހާސިލުކުރާ ކަންކަމުން މާބޮޑު އުފަލެއް ލިބޭނެކަން ޔަގީނެވެ. ދިރިއުޅުމުގައި ކަމަކާއި ކުރިމަތިލާން ބޭނުންވެއްޖެ ހިނދެއްގައި ތިމާގެ ވަށައިގެންވާ މާހައުލުގައި ހިމެނޭ މީހުން ހީކޮށްފާނެ އެއްޗަކާއި ބުނެފާނެ ވާހަކައަކަށް ބިރުނުގަންނާށެވެ. ގޮންޖެހުންތައް ހުރަސްކުރާށެވެ. ކޮންމެ ދުވަހަކީ ތިމާއަށް ފައިދާ ހުރި ދުވަހަކަށް ހަދާށެވެ. ތިމާ އަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ނުވަތަ އެދެވޭ ނަތީޖާއެއް ދިރިއުޅުމުގައި ހާސިލް ކުރެވޭނެ ކަންތައްތަކަށް ވަގުތު ހޭދަކުރާށެވެ.

ކުދިކުދި ކަންތައްތަކަށް ބަލާލާއިރު މިސާލަކަށް ބައެއް ފަހަރު ތިމާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ވެސް މަސައްކަތް ކުރަންޖެހޭ ކަމެކެވެ. ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން މިއީ ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކޮށްގެން ކުރެވޭ ކަންތައްތަކެކެވެ. އަދި އެއާއެކު ދުވަހުން ދުވަހަށް ނިންމަން ހުންނަ ކަންތައްތައް ނިންމޭނަމަ، ތިމާގެ ސިނކުޑިއަށް ވެރިވާ ނުތަނަވަސްކަމުގެ މިންވަރު ކުޑަވާނެއެވެ. ވަގުތު ކުޑަތަން ނުވަނީސް އަދި ތިމާއަށް ފަސޭހަ ވަގުތަށާއި ފަސޭހަ ގޮތަށް ކުރަން ލަސްނުކޮށް ކަންކަން ކުރުމަށް އާދަ ކުރާށެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން ކޮމްފޯޓް ޒޯނުން ބޭރުގައި ތިމާގެ ސިކުނޑި ގެންގުޅެން ފަރިތަކުރުމަށްޓަކައި ފުރަތަމަ ކަމަކަށް ތިމާ އާދަވެ އަބަދު ކުރާ ކަންތައްތައް ތަފާތު ގޮތަކަށް ކުރަން ފެށުން އެއީ ފުރަތަމަ ފިޔަވަޅެވެ. އަދި ތިމާއަށް އުނދަގޫވެގެން ދޫކޮށްލަން ވިސްނާފައި ހުރި ކަންތައްތައް ކުރަން ފަށާށެވެ. ތިމާގެ ހާލު "އޯކޭ" ނުވަތަ "ރަގަޅު" މި ލެވެލް ގައި ބަހައްޓައިގެން ފުއްދާނުލާ ،"ވަރަށް ރަގަޅު"، "ބަރާބަރު" ނުވަތަ ވަރަށް ހިތްހަމަޖެހޭ" މި ހާލަތަށް ހަގީގަތުގައިވެސް ގެނެއުމަށް މަސައްކަތް ކުރާށެވެ. ތިމާގެ ގާބިލްކަން ފުރިހަމައަށް ބޭނުން ކުރާށެވެ. ބުރަކޮށް މަސައްކަތް ކޮށް ތިމާއަށް ނުވާނެ ކަމަށް މީހުން ދެކޭ ކަންތައްތައްވެސް ތިމާއަށް ކުރެވިދާނެކަން ސާބިތުކޮށްދޭށެވެ.


މިލިޔުމުގެ މިހާ ހިސާބަށް އާދެވުނުއިރު ކޮމްފޯޓް ޒޯނުގައި އުޅުމަކީ ކޮބައިކަން ބުނެދެވިއްޖެކަމަށް އުއްމީދުކުރަމެވެ. މިހިސާބުން ތިމާގެ އަމިއްލަ ނަފްސާއި މިސުވާލުތައް ކޮށްލާށެވެ!

ތިޔަ އުޅެމުންދަނީ ކޮމްފާޓް ޒޯނުގައި ހެއްޔެވެ؟ ތިމާ ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހަދަން އެދެވޭ ވަރަށް މަސައްކަތް ކުރެވޭ ހެއްޔެވެ؟ އަދި މަސައްކަތް ކުރެވޭނަމަ ތިޔަކުރަމުންދާ ސްޕީޑް ރަގަޅު ހެއްޔެވެ؟

ތިމާގެ ހާލަތު ކިހިނެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލުމުން އަންނަނީ ކޮން ޖަވާބެއްތޯއެވެ؟

ތިމާކިބައިގައިވާ ގާބިލްކަމާއި ހުނަރުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފަމުހެއްޔެވެ؟ ނުހިފާކަމަށްވާނަމަ، ތިޔަ ޤާބިލްކަމާއި ހުނަރު ބޭނުން ކޮށްގެން ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ހެއްޔެވެ؟

ކޮމެންޓްސް

ކޮމެންޓް ކުރައްވާ