Monday, September 2, 2019

ހާލަތު ބަދަލު ނުކުރެވުނަސް ވިސްނުން ބަދަލު ކުރެވިދާނެ

ކޮންމެމީހަކަށްވެސް ދުނިޔެއަށް އައުމާހަމައިން ފެށިގެން މިއަދާހަމައަށް މިއަންނަނީ އެތައްކަމެއް ތަޖުރިބާކުރަމުންނެވެ. އެތައް މަންޒަރެއްކުރަހާ ކުލަޖައްސަމުންނެވެ. އުމުރުން ގިނަދުވަސްވާ ވަރަކަށް މަންޒަރާ ކުލަތައް ގިނަވެއެވެ. އެހެންކަމުން ވިސްނާލާށެވެ... ކޮންމެ ދެމީހެއްގެ ދިރިއުޅުމުގެ މަންޒަރު ތަފާތެވެ. ސީދާ އެއްގޮތަ އެކަކުވެސް ނުހުންނާނެއެވެ. އަހަރުމެންގެ ވިސްނުމުގެ ނިޒާމް ބައްޓަންވެގެން އަންނަނީ މިބުނެވުނު ތަޖުރިބާތަކާއި މަންޒަރުތަކާ ގުޅިގެންނެވެ.
އުފާވާންޖެހޭ ކަމަކީ އަހަރުމެންގެ ސިކުނޑިއަކީ ޚިޔާލަށްވެސް ނުގެނެވޭހާ އަގުހުރި އަދި މޮޅު ގުނަވަނެއްކަމުގައި ލައްވާފައިވާތީއެވެ. މި ދެންނެވުނު ވިސްނުމާ ތަޖުރިބާތައް ކޮންމެފަދަގޮތަކަށް ހުއްޓަސް އެހެނީ އުފާވެރިވިޔަށް ހިތާމަވެރިވިޔަސް އަހަރުމެންގެ ސިކުނޑީގެ ކުޅަދާނަކަމުން، އަހަރުމެންގެ އެ ވިސްނުންތައް އެއީ ފިލާވަޅެއްގެ ގޮތުގައި ރައްކާކޮށް ދިރިއުޅުމައިގެން ކުރިޔަށް ދިޔުމުގައި މުޅިން އައުގޮތަކަށް ވިސްނުން ބައްޓަންކުރުމުގެ ކުޅަދާނަކަން ސިކުނޑިއަށް ލިބިފައިވާކަމެވެ. އަޅުގަނޑުމެންގެ ސިކުނޑިއަކީ ޕްރޮގަރާމް (ބައްޓަން) ކުރެވޭ އެއްޗެއްކަމަށް ވީކަމެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބައެއްފަހަރަށް ކުރިޔަށްދާން ހުރަހަކަށްވެ ތަފާތުވިސްނުމާ ޙިޔާލުތައް އައިސް މާޔޫސްވާނެ މިދެންނެވި ހަޔާތުގެ ތަޖްރިބާތަކާ ގުޅިގެންނެވެ. ވިސްނާލަން ޖެހޭ އެއްކަމަކީ ތިމާއަށް ކުރިމަތިވާ ހާލަތަކީ ތިމާއަށް ބަދަލުކުރެވޭނެ އެއްޗެއް ނޫންކަމެވެ. ނަމަވެސް އެހާލަތުގައި ތިމާގެ ސިކުނޑިއާ ވިސްނުން ކޮންޓްރޯލް ކުރަން އެއީތިމާގެ އިހްތިޔާރުގައި ވާކަމެއް ކަމެވެ.

ދިރިއުޅުމުގައި އަބަދުވެސް ކުރިޔަށް ދިއުމަށް މި ޖުމްލަ ހަނދާންކޮށްލާށެވެ " ދުނިޔޭގައި ދިމާވާ ގިނަކަންތައްތަކަކީ އަހަރެންގެ ކޮންޓްރޯގައިވާ ކަންތައްތަކެއް ނޫނެވެ.ނަމަވެސް އަހަންނަށް އަހަރެންގެ ސިކުނޑީގައި ހިނގާ ވިސްނުން ކޮންޓްރޯލްކުރުމުގެ ބާރު އެސިކުޑި ދެއްވިފަރާތުން ދެއްވާފައި ވެއެވެ." އަހަރުމެންގެ ސިކުނޑިއާ ވިސްނުމުގެ ބާރުގަދަ މިންވަރު ނިކަން ވިސްނާލާށެވެ. ތިމާ ގަދަވެ ސަލާމަތުން ހުރެގެންވެސް ތިމާ މިއުޅެނީ ބަލިވެ ކަމުގައި ސިކުނޑިއަށް ވިސްނައިދީފިނަމަ ހަގީގަތުގައިވެސް ބަލިކަން އިހުސާވެއެވެ. އަދި ހަމައެހެންމެ ތިމާ ވަކިކަމެއް ކުރުމުން ރަނގަޅުވާނެ ކަމަށް ސިކުނޑިއަށް އިޙްސާސްކޮށްދީފިނަމަ އެކަމެއް ކުރުމުން ރަނގަޅުކަންވެސް އިޙުސާސްވެއެވެ.

މީގެން އިނގޭއެއްޗަކީ ތިމާވިސްނާ ވިސްނުންތަކުގެ ބާރުގަދަކަމަށްވެއެވެ. ތިމާއަށްކަމެއް ކުރެވޭނެކަން ސިކުނޑިއަށް ވިސްނައިދީފިނަމަ އެކަމެއް ހާސިލްކުރަން ފައްސޭހަކަމެވެ. އަހަރުމެންގެ ސިކުނޑއަށް އަދި ލޮލަށް ނުފެންނަ ކިތަންމެ މަންޒަރެއްވެސް ސިފަވެއެވެ. ކޮންމެ ސިފައެއްގައި މަންޒަރު ކުރެހިގެން ދެއެވެ. މިސާލަކަށް ދުވަހަކުވެސް ނުދާ ޤައުމެއްގެ ވާހަކަ މީހަކު ބުނުމުންވެސް ވަގުތުން ތިމާގެ ސިކުނޑިން ކޮންމެސް މަންޒަރެއް ކުރަހާލައެވެ. ގިނަފަހަރަށް އެމަންޒަރު ވެގެންދަނީ ތިމާހިތްއެދޭ ގޮތަށް ކުރަހާލެވެ މަންޒަރަކަށެވެ. އެހެންކަމުން މީގެން އެނގޭ އެއްޗަކީ އަހަރުމެންނަށް އަހަރުމެންގެ ސިކުނޑި ނުވަތަ ވިސްނުން އަހަރުމެން ބޭނުން ގޮތަކަށް ބައްޓަންކުރެވިދާނެކަމެވެ. ތިމާ އަމިއްލަޔަށް އުފާވެރިކަން ހޯދުމަށްޓަކައި އަދި ފަހި (ޕޮސިޓިވެ)؟ ވިސްނުންތައް ވިސްނުމަށްޓަކައި ސިކުނޑި ބައްޓަންކުރެވިދާނެއެވެ. ނަމަވެސް އެއީ ދަސްކުރަންޖެހޭ އުކުޅުތަކެކެވެ. ވިސްނާލާށެވެ:-

1. ތިމާ ހިތް ނުރުހޭ ކަމެއް ހިތައްގެންނާށެވެ. އަދި މި މަންޒަރު ސިކުނޑީގައި ކުރަހާލާށެވެ. އަދި މި މަންޒަރާ މެދު ފުންކޮށް ވިސްނާލާށެވެ. ހިތައްސިފަވަނީ ކިހިނެއްހެއްޔެވެ؟

2. އެ މަންޒަރު ކުޑަކޮށްލާށެވެ. ކަޅާ ހުދަށް ބަދަލުކޮށްލާށެވެ. މަޑުމަޑުން މި މަންޒަރު ތިމާޔާ ދުރަށް ދާކަމަށް އިޙްސާސްކުރާށެވެ. މިހާރު ހިތައްއަރާ އިޙްސާސްތައް ކިހިނެއް ހެއްޔެވެ؟

3. ތިމާއަށް އުފާވެރިކަން ގެނެސްދޭމަންޒަރެއް ހިތައް އަރުވާލާށެވެ. އެމަންޒަރު ބޮޑުކޮށްލާށެވެ. އަދި ކުލަގަދަކޮށްލާށެވެ. މި މަންޒަރު ތިމާއަށް ވީހާވެސް ކައިރިއަށް ގެންނާށެވެ. މިހާރުގެ އިޙްސާސް ކިހިނެތް ހެއްޔެވެ؟

މި ދެންނެވުނު ހަރަކާތުގެ މަޤުސަދަކީ ތިމާ ހިތްނުރުހޭ ކަންތައްތަކުން ތިމާއަށްކުރެވޭ އިޙްސާސްތައް ދެނެގަނެ ތިމާއަށް އުފާވެރިކަން ގެނެސްދޭ ކަންތައްތަކަށް ސަމާލުންދީ ހިތްނުރުހޭ ނުވަތަ ހިތާމަވެރި ކަންތައްތަކަށް ދޭސަމާލުކަން ކުޑަކުރުމަށެވެ. މި ހަރަކާތުން ބައެއްފަރާތްތަކަށް މީގެއެދެވޭ އަސަރެއް ފުރަތަމަ ފަހަރަށް ނުކޮށްފާނެއެވެ. މިއީ ކުޑަކުޑަ ހަރަކާތެކެވެ. މި ބުނެވުނުފަދަ ސިކުނޑީގެ ހަރަކާތްތައް ދަސްކޮށް ފަރިތަކުރަމުންދާނަމަ ތިމާގެ ވިސްނުން ތިމާބޭނުން ގޮތަކަށް ބައްތަން ކުރުމަށް ފައްސޭހަވެގެން ދާނެއެވެ.ކޮމެންޓްސް

ކޮމެންޓް ކުރައްވާ